ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންވި ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ އެންމެ ފުރަތަމަ ރައީސް މަޖިލީހަށް ހުށަހެއްޅުއްވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވަނީ 22 މިނިސްޓަރުގެ ތެރެއިން 19 މިނިސްޓަރުންނަށް ރުހުން ދިނުމަށް ފަހު ތިން މިނިސްޓަރުންނަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. ރުހުން ނުދިނުމަށް ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެ ތިން މިނިސްޓަރުންނަށް ރުހުން ނުލިބުމުން، ރައީސް ވަނީ އެބޭފުޅުން އަލުން އެ މަގާމަށް އައްޔަންކޮށް، ދެވަނަ ފަހަރަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފަ އެވެ.

ނަވާރަ ވަނަ މަޖިލިސް ނިމިގެން ދިޔައިރުވެސް މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ. އެހެންވެ، އެ މައްސަލަ ބެލުމަށް މިދިޔަ ހަފުތާގައި ހުވާކުރެއްވި 20 ވަނަ މަޖިލީހުން މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކޮރާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން...

މި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ކޮމިޓީން ކޮމިޓީން ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވުމަށްވަނީ ނިންމާފަ އެވެ.

މިހުށަހެޅުން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުމާއި ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.