ހުނުމަކީ ސިއްހަތަށް ފައިދާހުރި ކަމެކޭ ބުނާތީ އަޑުއިވެ އެވެ. އެހެން ކަމުން ޖަހާލާ ހިނިގަނޑަކުން އަވަސް ފަރުވާ ހޯދަން ޖެހިދާނެ ކަމަށް އެއްވެސް މީހަކު ހިއެއް ނުކުރާނެ އެވެ.

އެހެން ނަމަވެސް އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ މީހަކަށް މިވަނީ އެފަދަ ކަމެއް ދިމާވެފަ އެވެ. މާގަދައަށް ހުނުމުގެ ސަބަބުން ހޭނެތި އެ މީހާއަށް ވަނީ ސިއްހީ ފަރުވާ ދީފަ އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި އެ މީހާ އިނީ ސައި ތަށްޓެއް ބޮމުން ޓީވީއިން ދެއްކި ހެއްވާ މަޖާ ޝޯއެއް ބަލާށެވެ. ހެމުން ހެމުން ގޮސް އޭނާއަށް ސައި ތަށީގައި ހިފުމުގެ ބާރު ގެއްލި އެއްކޮށް ހޭނެތުނީ އެވެ.

އެމީހާއަށް އަވަސް ފަރުވާ ދިން ޑޮކްޓަރު ބުނެފައިވަނީ ހުނުމުގެ ސަބަބުން ހޭނެތުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

އެހެން އެކަން ދިމާވަނީ ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެ ހިތުގެ ހިނގުމަށް އަންނަ ބަދަލުގެ ސަބަބުން ކަމަށް މާހިރުން ވިދާޅުވެ އެވެ.

އެހެން ކަމުން ހުނުމުގައި ވެސް ވަކި އާދަތަކެއް ގެންގުޅުން މުހިއްމެވެ. ހާއްސަކޮށް ކައިބޮއި ހަދާއިރު ހުނުމުން ދުރުހެލިވާން ޖެހެ އެވެ.