އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިއްޖެ އެވެ.
އެކަމަކު، އެ ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަންނަ އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް މޯދީ ވަނީ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.
މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ މޯދީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މޯދީގެ ލީޑަޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ތަހުނިޔާ ފޮނުއްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ގާތް އަވަށްޓެރިއެއްގެ އިތުރުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މިހާރަށްވުރެ ގާތްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ލިބުނު ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. މީގެކުރިން އެ ޕާޓީން 300 އަށް ވުރެ ގިނަ ގޮނޑި ހޯދި އެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 293 ގޮނޑި އެވެ. އިދިކޮޅު ކޮންގްރެސް އަށް 99 ގޮނޑި ލިބިފައިވެ އެވެ.