ހެނދުނު ހޭލާއިރު މޫނު ދުޅަވެފައި ހުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ޝަކުވާ އެކެވެ. މިކަން މިހެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ސަބަބުތަކަށް މިފަހަރު ބަލާލާނަމެވެ.
މާ ގިނައިރު ނިދުން
އޮށޯވެ އޮތުމަކީ ހަށިގަނޑުގައި ފެން ޖަމާވާން މެދުވެރި ކުރުވާ ކަމެކެވެ. އެހެން ކަމުން މާ ގިނައިރު ނިދަން އޮވެއްޖެނަމަ މޫނަށް ފެން ޖަމާވެ ދުޅަވާ ގޮތްވެ އެވެ. ހާއްސަކޮށް ނިދަން އޮންނަ ގޮތަކުން މިކަން އިތުރަށް ފާހަގަވެ އެވެ.
މޭކަޕްއާއެކު ނިދުން
މޭކަޕްއާއެކު ނިދުމަކީ އޭގެ ސަބަބުން އެލާޖިކް ރިއެކްޝަނެއް އުފެދި މޫނު ދުޅަވެދާނެ ކަމެކެވެ. އެހެން ކަމުން ނިދުމުގެ ކުރިން އަބަދުވެސް މޭކަޕް ފޮހެން ހަނދާން ބަހައްޓަން ވާނެ އެވެ.
ޑައިޓް
ރޭގަނޑުގެ ކެއުމުގައި ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވޭ ބާވަތްތައް ހިމެނުމަކީ ޖެހިގެން އަންނަ ދުވަހު ހޭލާއިރު މޫނު އާދަޔާހިލާފަށް ފުފިފައި ހުރެދާނެ ކަމެކެވެ.
ސިއްހީ މައްސަލައެއް
އެންމެ ނާދިރު ކަމެއްގެ ގޮތުގައި އޮތީ ފާހަގަވެފައި ނުވާ ސިއްހީ ބައްޔެއްގެ ސަބަބުން މޫނު ދުޅަވުމެވެ. އާއްމުކޮށް ބޮޑެތި ބަލިތަކުގެ އަލާމާތްތައް މޫނުމަތިން ފެންނައިރު މޫނު ދުޅަވުމަކީ އޭގެ ތެރެއިން އެއް ކަމެވެ.