އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފި އެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި 8،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި މޯދީ ހުވާ ކުރެއްވި އިރުގައި އެމަނިކުފާނުގެ ކެބިނެޓު މިނިސްޓަރުންގެ ގޮތުގައި 72 މިނިސްޓަރުން ވެސް ވަނީ ހުވާ ކުރައްވައިފަ އެވެ.

މި ރަސްމިއްޔާތަށް ދައުވަތު ދެއްވުމާ ގުޅިގެން ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަދި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖަގްނައުތު އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ޕްރަޗަންޑާ އާއި ބޫޓާންގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ ބައިވެރިވެވަޑައިގެންނެވި އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ރާޝްތުރަޕަތީ ބަވަންގައި އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫ ދެއްވާ ޖާފަތެއްގައި ވެސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކަށް ދިނީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "ސަގަރް" ވިސްނުމަށް އިންޑިއާއިން ދޭ އިސްކަމުގެ ސަބަބުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނާއި ޗައިނާގެ ވެރިން ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އިންޑިއާ އިން ނުދެ އެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި 543 ގޮނޑީގެ ތެރެއިން މޯދީގެ ބީޖޭޕީ އާއި ގުޅިފައިވާ ޕާޓީތަކުން ވަނީ 293 ގޮނޑި ހޯދައިފަ އެވެ. ބީޖޭޕީ އަށް އެކަނި 240 ގޮނޑި ލިބުނު އިރު، މިއީ އެ ޕާޓީން އުންމީދު ކުރި އަދަދެއް ނޫނެވެ. އިންޑިއާގެ އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކަށް ވަނީ 232 ގޮނޑި ލިބިފަ އެވެ.

މޯދީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރުކަން ތިން ދައުރު ކުރައްވާފައި ވަނީ ޖަވަހަރްލާލް ނެހްރޫ އެވެ. އެގޮތުން ނެހްރޫ ވަނީ 1947 ވަނަ އަހަރުން ފެށިގެން 1964 ގައި އަވަހާރަވުމާ ހަމައަށް ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.