ދުނިޔެއިން މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް" ތަހައްމަލު ކުރުމުގެ ތަޖުރިބާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ހިއްސާކޮށްފި އެވެ.

އެންބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސެލީން ބުނީ އޭނާއަށް އެ ބަލި ޖެހިފައިވާކަން އެނގުނީ 2022 ވަނަ އަހަރު ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން އޭނާއަށް އެކަމުގެ ނިޝާންތައް ފެންނަން ފެށި ކަމަށެވެ. އެއާއެކު ވަރަށް އަވަހަށް އޭނާގެ ސިއްހީ ހާލަތު ދަށްވެ މަރާ ހަނގުރާމަ ކުރަން ޖެހުނު ކަމަށް ވެސް ސެލީން އެ އިންޓަވިއުގައި ފާހަގަކުރި އެވެ.

އެއާއެކު އޭނާގެ ހަޔާތް ވޭލިއަމް ނަމަކަށް ކިޔާ ވަރުގަދަ ބޭހެއްގެ މައްޗަށް ބިނާވި ކަމަށާއި މިހާރު އޭނާއަށް އެ ބޭހާ ނުލާ އުޅުމަކީ އުނދަގޫ ކަމެއް ކަމރަށް ވެސް އޭނާ ބުންޏެވެ.

ސެލީން ވަނީ އޭނާގެ ސިއްހަތަށް ފަރުވާތެރިވާން ކަމަށް ބުނެ އެންމެ ފަހުން ޝެޑިއުލްކުރި ކޮންސެޓްތައް ވެސް ކެންސަލް ކޮށްފަ އެވެ.

ސެލީން މަޝްހޫރުވެފައިވަނީ 1997 ވަނަ އަހަރު ނުކުތް "ޓައިޓޭނިކް"ގެ ލަވަ "މައި ހާޓް ވިލް ގޯ އޮން" ލަވައިގެ ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ.