ކާތަކެއްޗަކީ އުފަލާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. ކާތަކެތީގެ ސާފުތާހިރުކަމަކީ ކެއުމުގައި އެންމެ މުހިންމު ކަންދެވޭ ކަމެވެ. މީރު ރަހައާއި، ޒީނަތްތެރިކަމާއި، ރީތި ކުލައަކީ ދެވަނައަށް ބެލެވޭ ކަންކަމެވެ. ކިތަންމެ އަގުބޮޑު ނަމަވެސް ކާއެއްޗެއްގެ ތެރެއިން އިސްތަށްޓެއް ފެނިއްޖެ ނަމަ ކެއުން ހުއްޓާލުމުން ސާފުތާހިރު ކަމަށްދެވިފައިވާ މުހިންމުކަން ހާމަވެ އެވެ.

ހަގީގަތުގައި ވެސް ކާއެތީގެ ތެރެއިން އިސްތަށްޓެއް ފެނުމަކީ ފަކުރުގަނެ، ކާހިތް ކެނޑޭ ކަމެކެވެ. ވަކިން ޚައްސަކޮށް އެ އިސްތަށި ދިގު ނަމަ މޭނުބައިކުރުން އިތުރުވެ އެވެ. އިސްތަށްޓާއި، ހަމާއި، ޖަރާސީމަކީ އިންސާނާއަށް ނޭނގި އޭނާގެ ހަށިގަނޑު އަބަދުވެސް ވަކިވެވެ ހުންނަ އެއްޗެކެވެ. ނަމަވެސް އިސްތަށި ފިޔަވައި ދެންހުންނަ ތަކެއްޗަކީ ފެންނަން ހުންނަ ތަކެއްޗެއް ނޫނެވެ. ހަށިގަނޑުން ވަކިވެފައިވާ އެއްވެސް އެއްޗެއް ކާތަކެތީގެ ތެރެއިން ފެނުމަކީ އެ ތައްޔާރުކުރި މީހެއްގެ ނުވަތަ ތަނެއްގެ ސާފުތާހިރުކަމާ ދޭތެރޭ ޝައްކު އުފެދޭނެ ކަމެކެވެ. ވީމަ ކާއެއްޗެއްގެ ރައްކާތެރި ކަމާމެދު ޝައްކު އުފެދޭނަމަ، އެފަދަ ކާނާ ކެއުމުން ދުރުހެލިވުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެހެންނަމަވެސް ވިސްނާލުން މުހިންމު ކަމަކީ އިސްތަށްޓަކީ އެހާލުއި އެއްޗެއްކަމުން ފަސޭހައިން ވައިގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާނެ ކަމެވެ. ކާތަކެތި ތައްޔާރުކުރާ މީހާގެ ބޮލުން ނޫނަސް އެހެން ދިމާލަކުން ވެސް އިސްތަށްޓެއް ކާއެތީގެ ތެރެއަށް ވެއްޓުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

އިސްތަށި އުފެދިފައި ވަނީ "ކެރެޓިން" ކިޔާ މާއްދާއަކުންނެވެ. ހަމާއި ނިޔަފައި ވެސް އުފެދިފައި ވަނީ މި މައްދާއިންނެވެ.

އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އެންޑް ހެލްތް ސައިންސަސްގެ ހަމުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޕްރޮފެސާ އެޑަމް ފްރީޑްމަން ވިދާޅުވާ ގޮތުގައި ކާތަކެތީގެ ޒަރިއްޔާއިން ހަށިގަޑަށް އެތެރެވާ އެންމެ އިސްތަށްޓެއް ނުވަތަ ދެ އިސްތަށްޓެއްގެ ސަބަބުން ހަށިގަނޑަކަށް ގެއްލުމެއް ނުލިބޭނެ އެވެ. އެގޮތަށް އެތެރެވާ އިސްތަށި ހަޖަމް ނުވެ ބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހަށިގަނޑުން ބޭރުވާނެ އެވެ. އަދި ސިއްހަތަށް ގެއްލުން ލިބެނީ އާދަޔާޚިލާފަށް ގިނައިން އިސްތަށި ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަށިގަނޑުގެ ބޭރުގައި ތަފާތު ވައްތަރުގެ ކުނިބުންޏައި، ވައިރަސްތަކާއި، ޖަރާސިމުވެ އެވެ. ދެއަތާއި، ކަންފަތާއި، ނޭފަތެވެ. ބޮލާއި ގައިގެ އެހެނިހެން ދިމާލުގައި ހުންނަ އިސްތަށި މިކަމުގައި އިސްތިސްނާނުވެ އެވެ. ކާއެތީ ތެރޭގައިވާ އެންމެ އިސްތަށްޓެއްގައި ހިމެނޭ މަދު ޖަރާސީމަކުން ހަށިގަނޑަށް ގެއްލުމެއް ނުދެވޭނެ ކަމަށް ނުވަތަ "ފުޑްޕޮއިޒަން" ނުވާނެކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. އެއީ ކާތެކެތި ރޯފިލުވުމުގައި ގަދައަށް ހޫނުކުރުމުގެ ސަބަބުން ޖަރާސީމު މަރާލާތީ އެވެ. އަދި ކާނާ ކުނި ނުވާނެ ގޮތް ހެދުމަށްޓަކައި ކުރެވޭ ކަންކަމުން ވެސް ޖަރާސީމު ނައްތާލާތީ އެވެ.