އާއްމުކޮށް ބޮޑު އީދާ ގުޅުވައިގެން ވަކި ހާއްސަ ހަރަކާތްތަކެއް މީގެ ކުރިން މާލޭގައި ބާއްވަނީ ވަރަށް މަދުންނެވެ. ހާއްސަކޮށް ރަށްރަށުގައި އޮންނަ ފަދަ ސަގާފީ ކުޅިވަރުތަކާއި ބޮޑެތި މިއުޒިކް ޝޯތަކެއް މާލޭގައި ނޯންނަތާ އެތައް އަހަރެއްވެއްޖެ އެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. މާލޭގައި ބޮޑު އީދާ ގުޅުވައިގެން ސަގާފީ އެކިއެކި ހަރަކާތްތަކާއި މިއުޒިކް ޝޯތައް ވެސް ކުރިޔަށް އެބަގެންދެ އެވެ.
މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާއެކު އިއްޔެ ފެށިއިރު، އޭގެ ބައެއް ހަރަކާތްތައް މިއަދު ވެސް އެ ހަރަކާތްތައް ކުރިއަށްދާނެ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ސަގާފީ ކުޅިވަރުތަކާއި މިއުޒިކް ޝޯތަކުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް މިއަދު ވެސް ކުރިއަށް ދާނެ އެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ވެސް މިފަހަރުގެ އީދު ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނައިރު މިއަދު ވެސް އޭގެ ބައެއް ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައި އެބައޮތެވެ.
އީދު ހަރަކާތްތައް މިފަހަރު ކުރިއަށްގެންދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އީދުގެ ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރުތައް އިއްޔެ ވަނީ ބާއްވާފަ އެވެ. ހެންވޭރުގައި ސޯސަންމަގާ މަޖީދީ މަގު ގުޅުނު ހިސާބުގައި ވަނީ ދަފިނެގުން ކުރިއަށް ގެންގޮސްފަ އެވެ. އަދި އާޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ކުޅިވަރުތައް ހިމެނޭ ގޮތަށް ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފަ އެވެ.
ބޮޑު މަސް ބޭނުން އޮތީ އުސްފަސްގަނޑު ސަރަޙައްދުގަ އެވެ. މި ހަރަކާތުގައި ވަނީ އިހުޒަމާނުގައި ބޮޑު މަސް ބޭނުމުގައި ކަންތައް ކުރަމުން އައިގޮތުގެ ވާހަކައާއި އެކަން ކުރަމުން އައި ގޮތް ދައްކާލާފަ އެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ވަނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކުރިމަތީގައި ވެސް ސަގާފީ ބޮޑު ބެރު ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މާލޭގައި ގިނަ ހަރަކާތްތައް ބާއްވާފައި ވަނީ ރަސްފަންނު ސަރަޙައްދުގަ އެވެ. ރަސްފަންނުގައި ވަނީ ދެލި މާލި ނެރުމާއި ކޯޑި ކެނޑުމުގެ ކުޅިވަރު ބާއްވާފަ އެވެ. އަދި ކާށިދޫގެ ސަގާފީ އައިޓަމެއް ކަމަށްވާ ލަނގިރީގެ ހަރަކާތް ވަނީ ބާއްވާފަ އެވެ.
މީގެ އިތުރުން މިއަދު ހަވީރު ހުޅުމާލޭގައި ކޯޑި ކެނޑުން ބާއްވާއިރު، އެކުއެކީގައި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށްދާނެ އެވެ.
އެއަށްފަހު ރޭގަނޑު އޮންނަ ދިރާގު އީދު ޝޯ ވެސް ފާހަގަކޮށްލެވެ އެވެ. މި ޝޯގައި ސިމްބޮލިކް ރިކޯޑް ފަދަ މަޝްހޫރު މިއުޒިކް އާޓިސްޓުން ފެންނާނެ އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި މުޅި ހަފްތާ އެއްކޮށް ސަރުކާރު ބަންދުކޮށްފައިވާއިރު މިއީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.