މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ގޮސްފި އެވެ.

އެ ކަން އިއުލާން ކުރެއްވީ، މިހާރު ހައްޖުގެ އަޅުކަމަށް ސައުދީ އަށް ގޮސް ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާ ވިދާޅުވީ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި. --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނަށްވާ އިރު، އެ ބިމަށް އެ ދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.

އަރަފާތު ބިމަށް ހައްޖުވެރިން ދަތުރު ފެށީ މިނާގައި ތިބުމަށް ފަހު އިއްޔެ އެވެ. މިނާ އާއި އަރަފާތު ބިމާ ދެމެދު 13 ވަރަކަށް ކިލޯމީޓަރުގެ ދުރުމިނެއް ހުންނާނެ އެވެ.

ހައްޖުވެރިން އަރަފާތު ބިމުގަ ތިބޭ ޓެންޓު. --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރުގެ ހައްޖު ދުވަހަކީ މިއަދެވެ. އަރަފާތު ބިމާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާ ވެސް އެނބުރި ހައްޖުވެރިން މިނާއަށް ދާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކާއެކު ފަސް ޑޮކްޓަރުންނާއި ހަ ނަރުހުން ހަރަކާތްތެރިވެ އެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. އެ ކުންފުނީގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގެންދިޔަ އެވެ. މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީންގެ ތެރެއިން އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފަ އެވެ. އަދި އިތުރު ދިވެއްސަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދިނަސް، އެމީހާގެ ހާލު މިހާރު ރަނގަޅެވެ.