ޑޯޓްމަންޑް (18 ޖޫން) – ޔޫރޯގެ ގުރޫޕް އެފްގައި މިރޭ ޖޯޖިއާ އަތުން 3-1 އިން މޮޅުވެ ތުރުކީ ރަނގަޅު ފެށުމެއް ހޯދައިފި އެވެ.
މި މެޗުގެ 25 ވަނަ މިނިޓުގައި ތުރުކީއަށް ލީޑު ހޯދައިދިނީ މާތު މުލްދޫރެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އެއް ފަހަރު މާތު ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި އަހަރުގެ ޔޫރޯގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެއް ލަނޑެވެ.
އެކަމަކު އޭގެ ހަތް މިނިޓު ފަހުން، ތުރުކީ ސިއްސުވާލުމަށްފަހު ޖޯޖިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޖޯޖިއާގެ ޖިއޯޖީ ކޮޗޮރަސްވިލީ ޕެނަލްޓީ އޭރިޔާ ތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ގޯލަށް އަމާޒުކޮށްލީ ޖޯޖްސް މިކައުޓަޑްޒޭއެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ޖޯޖިއާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
އެކަމަކު މެޗުގެ 65 ވަނަ މިނިޓުގައި ތުރުކީން އަލުން ލީޑު ހޯދީ ރެއާލް މެޑްރިޑަށް ކުޅޭ ޒުވާން މިޑްފީލްޑަރު އަރްދާ ގޫލާ ކާމިޔާބުކުރި ރީތި ގޯލުންނެވެ.
އުމުރުން 19 އަހަރުގެ ގޫލާ އަކީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. މި ރެކޯޑް ކުރިން އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގަ އެވެ.
ޔޫރޯގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޖޯޖިއާ އިން ދުލެއްނުދީ، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށްއެކަން ކާމިޔާބެއްނުވި އެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ތުރުކީގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކަރޭމް އަކްތޫރްކޮގްލޫ ޖެހި ލަނޑުންނެވެ.