މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރީންނަށް ލިބުނީ އުންމީދުކުރި ކަހަލަ ހިދުމަތެއް ނޫން ކަމަށް ބުނެ ހައްޖުވެރިއަކު ޝަކުވާތައް އޮއްސާލައިފި އެވެ.

ހައްޖަށްދިޔަ ބޭފުޅެއް ކަމަށްވާ ގާނޫނީ ވަކީލު މުހައްމަދު ނިޒާމް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އެކަމަކު ބައެއް ފަހަރު މެނޭޖްމަންޓްގެ ފަރާތުން ބޮޑެތި ބްލަންޑާސް އަޅާފައިވާ ކަމާއި، ބައެއް ފަހަރު ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ ވޭސްޓްވިކަން ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަމާއި ތަޖުރިބާހުރި އާ މެނޭޖްމަންޓެއް އެ ކުންފުންޏަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާމް ވިދާޅުވީ އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީގޮތުން ކަންކަން އޮޅުންފިލާފައި ތިބި، ކޮންމެވެސް ވަރަކަށް އަރަބި ބަސް ދަންނަ، ގޫގުލް މެޕް ފަދަ އާދައިގެ އެޕްލިކޭޝަންތައް ބޭނުންކުރަން ދަންނަ އަދި މަޝާއިރުތަކުގެ ރޫޓްތަކަށް ފަރިތަ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ހައްޖުވެރިން އަރަފާތު ބިމުގަ ތިބޭ ޓެންޓު. --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

"ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރެވޭނެ މެނޭޖްމަންޓެއް ކޯޕަރޭޝަން އަށް ގެންނަންޖެހޭ. ކޮންމެ މީހަކު ވެސް 85.000 ރުފިޔާ ދައްކައިގެން ހައްޖަށް އަންނައިރު އެ އަގާ އެއް ފެންވަރެެއްގެ ހިދުމަތެއް ލިބޭނެ ކަމަށް އެކްސްޕެކްޓް [އުއްމީދު] ކުރެވޭނެ. އެހެން ނަމަވެސް ލަންކާ މީހުންނާ އެއް ޓެންޓު ސަރަހައްދެއް ޝެއާކޮށްފައިވާއިރު، އަދި އެއް އެޖެންޓެއް ޝެއާކޮށްފައިވާއިރު، ދިވެހިންނަށްވުރެ ނިސްބަތުން ކުޑަ އެއްޗެއް ލަންކާ މީހުން ހަރަދު ކޮށްފައިވާއިރު، ދިވެހިންނަށް މިނާގައި ދެވުނު ހިދުމަތަކީ ހަމަ ސުމެއް،" ނިޒާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެންޓް ތަކުގައި ދިވެހިން ބައިތިއްބާފައި ތިބީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށާއި 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ޓެންޓްތައް ހޫނުގަދަކަމުން ހީވަނީ އަވަނެއްހެން ކަމަށާއި ބައެއް ދިވެހިން ނިދީ ކައިރީގައި ހުރި މިސްކިތެއްގައި ކަމަށް ނިޒާމް ވިދާޅުވި އެވެ.

"ފުރަތަމަ ދެދުވަހު ދިނީ ބަންގާޅީ ކެއުން. ދުވަސްވީ ގިނަ މީހުން ތިބީ އެ ދެ ދުވަހު ނުކައި. ކާއެއްޗެހި ފޯރުކޮށްދެވެނީ ވެސް އެތައް އިރެއް ފަހުން. އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ދެދުވަހު ދިނީ ބަންގާޅީ ކެއުން. ދުވަސްވީ ގިނަ މީހުން ތިބީ އެ ދެ ދުވަހު ނުކައި. ކާއެއްޗެހި ފޯރުކޮށްދެވެނީ ވެސް އެތައް އިރެއް ފަހުން. އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ
ނިޒާމް

އަމިއްލައަށް ކުރެވުނު ތަޖުރިބާއިން އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ނިޒާމް ވަނީ ނިންމާފަ އެވެ.

"މިކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅަން ގަސްތުކުރަން. އަދި ލާއިންސާނީ ގޮތެއްގައި ހާޖީންނާމެދު ކަންކަން ކޮށްފައިވާތީ އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް މަޖްލީހަށާއި އެޗްއާރްސީއެމް އަށް ހުށަހަޅަން ގަސްތުކުރަން،" އޭނާ ވިދާޅުވި އެވެ.

އަމީރުލް ހައްޖު އަދި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ތަންކޮޅެއް ގާތުން ކަންކަން ބަލަންޖެހޭ ކަމަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

" މަޝާއިރުތަކުގައި އަމީރުލް ހައްޖު އަދި މިފަހަރު ހައްޖަށް ވަޑަގެންނެވި މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ވީތަނެއް ނޭންގުނު. ހައްޖުވެރިންގެ ހާލުބެލުމަށް އެއްވެސް ޓެންޓަކަށް އެއްވެސް "ވެރިއެއް" ވަޑައިނުގަންނަވާކަން ފާހަގަ ކުރެވުނު،" ނިޒާމް ވިދާޅުވި އެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި. --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން ކުރިއަށްއޮތްތަނުގައި ރަނގަޅުކުރަންޖެހޭ ކަމަށް ނިޒާމް ފާހަގަކުރި އިތުރު ކަންތައްތައް

  • ކުރީބައިގައި މަސައްކަތްކޮށްގެން ޖަމްރާތަކާ ކައިރިން މިނާގެ ޓެންޓް ހަމަޖައްސަން މަސައްކަތްކުރުން.
  • ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ސައުދީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތުން.

މީގެއިތުރުން އޭނާ ވިދާޅުވީ ޕީއާރް ޖެއްސުމަށް ޖަމްރާތަކަށްދަނީ ހައްޖުކޯޕަރޭޝަންގެ ދިދަތައް ނަގައިގެން މުޒާހަރާ ކުރާހެން ކަމަށާއި އެކަމަކީ މަނާކަމެއް ކަމަށެވެ. އަދި ސެކުރިޓީ ބަލަހައްޓާ ސިފައިން، އެ ދިދަތައް ނުއުފުލުމަށް އެންގުމުންވެސް، ކިޔަމަންނުވެ އެކަން ތަކުރާރު ކުރަމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށް ވެސް ނިޒާމް ވިދާޅުވި އެވެ.

ރާއްޖޭގެ ހައްޖާޖީންނާއެކު ހައްޖު ކޯޕަރޭޝަންގެ އިސްވެރިން

ހައްޖުވެރިއެއްގެ ޝުއޫރުތައް މިފަދައިން ހުއްޓަސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައި ވަނީ ހައްޖުވެރިންނަށް ވަރަށް ފުރިހަމަ ހިދުމަތެއް ދެވުނު ކަމަށާއި އެކަމަށްޓަކައި އުފާކުރާ ކަމަށެވެ. އަދި ހައްޖުވެރީންނަށް ހިދުމަތްކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވެފައި ވަނީ މި އަހަރުގެ ހައްޖުގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދިނީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ ހައްޖުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.