ސޯޅަ ބައިވެރިންނާ އެކު، އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް އޯޓީޓީ" ގެ ތިން ވަނަ ސީޒަން ފަށައިފި އެވެ.

"ބިގް ބޮސް އޯޓީޓީ 3"ގެ ފުރަތަމަ އެޕިސޯޑު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޖިއޯ ސިނަމާ އިން ދައްކައިފަ އެވެ.

މިފަހަރުގެ ސީޒަން ހުށަހަޅައި ދެނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރެވެ. މިއީ އަނިލް ކަޕޫރު ބިގް ބޮސް ހޯސްޓްކުރާ ފުރަތަމަ ފަހަރު އެވެ. މީގެ ކުރިން ބިގް ބޮސް ހޯސްޓްކޮށްފައި ވަނީ ސަލްމާން ޚާނެވެ. އެހެން ނަމަވެސް ބިގް ބޮސް އޯޓީޓީގެ ފުރަތަމަ ސީޒަން ހޯސްޓްކޮށްފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ.

މި ސީޒަންގައި އިންޑިއާގެ ޓީވީ ޑްރާމާތަކުގައި މަޝްހޫރު ތަރިންނާއި ސޯޝަލް މީޑިއާގައި މަގުބޫލު މޫނުތައް ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ބޮލީވުޑްގައި ފާހަގަކޮށްލެވޭ އެކްޓަރަކާއި އިންޑިއާގެ ފާހަގަ ކޮށްލެވޭ ނޫސްވެރިއެއް ވެސް މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ އެވެ.

މިފަހަރުގެ ސީޒަންގައި ފާހަގަކޮށްލެވޭ ބައިވެރިންގެ ތެރޭގައި "ވަޑާ ޕައޯ ގާލް" ނަމުގައި މަޝްހޫރުކަން ހޯދާފައިވާ ޗަންދްރިކާ ޑިކްސިޓް ފާހާގަ ކޮށްލެވެ އެވެ. މީގެ އިތުރުން 31 އަހަރު މީޑިއާގައި ހަރަކާތެރިވެފައިވާ ދީޕަކް ޗައުރަސިއާ އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރަންވީރު ޝޯރޭ ހިމެނެ އެވެ. އިތުރު ބައިވެރިންގެ ތެރޭގައި ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ވިޝާލް ޕާންޑޭ އާއި ލަވް ކަޓަރިއާ އާއި އަރްމާން މާލިކް، ޕަޔަލް މަލިކް، ނައީޒީ، ނީރާޖް ގޯޔަތު، ޕައުލްމީ ޕޮލޯ ދާސް، ކްރިޓިކާ މާލިކް، ޝިވާނީ ކުމާރީ، ސައި ކެޓަން ރާއޯ، މުނީޝާ ޚަޓްވާނީ އަދި ސަނާ މަކްބުލް ހިމެނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ސީޒަންގައި ބައިވެރިންނަށް ފޯނު ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި "ބިގް ބޮސް" ގެއިން ބޭރުގެ ހަބަރުތައް ބައިވެރިންނަށް ލިބިގެންދާނެ އެވެ. އެގޮތުން ބިގް ބޮސް ގޭގައި ޖާސޫސު ކުރާނެ ބައިވެރިޔަކު ހަރަކާތެރިވާނެ އެވެ.