އައްޑޫ ސިޓީގެ މަސްވެރިންނަށް ފައިސާ ނުލިބިގެން ކުރާ މުޒާހަރާތައް ބަލައި ނުގަނެވޭނެ ކަމަށާއި މަސްވެރިންނަށް މި ސަރުކާރުން ނުދީ ވަނީ މަދު ފައިސާކޮޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑް ވިދާޅުވީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީވާ ފައިސާ މި ސަރުކާރުން މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް ނުދީ ވަނީ މަދު ފައިސާކޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިން ނުކުމެ އައްޑޫ މަސް ފެކްޓްރީން ކަރަންޓް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެތަނުގައި އުޅޭ ރަށުން ބޭރު މީހުންނަށް ދަރިތަކެއް ކުރިމަތިވި ކަމަށެވެ.
އައްޑޫގެ މަސްވެރިން ކުރާ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވާތީ ޝާޑު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
އައްޑޫ މަސްވެރިންގެ ގާތަށް ދާން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނާއިރު، އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ސިޔާސީގޮތުން ފާޑު ފާޑުގެ ވާހަކަތައް ދެއްކިޔަސް އަޅުގަނޑުމެންގެ ހިތަކަށް އަސަރެއް ނުކުރޭ. އަޅުގަނޑުމެން މިތިބީ މިއަދުގެ މި ސަރުކާރު ދަމަހައްޓައި ނަގަހައްޓަން ސާބިތުކަމާއެކު،" ޝާޑް ވިދާޅުވި އެވެ.
އައްޑޫ މަސްވެރިން ސިލްސިލާ މުޒާހަރަތަކެއް ކުރަމުން އަންނަނީ މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބޭތީ އެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސި ދަރަނިވެރި ވެފައިވާ ކަމަށް އެ މަސްވެރިން ބުންޏެވެ.