މަސްވެރިންގެ އަތުން ނަގާފައިވާ މަހަށް އެތައް މިލިއަން ރުފިޔާ ނުދީގެން އައްޑޫގައި މުޒާހަރާ ކުރަމުންދަނިކޮށް، ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަ އާއި ގާބިލުކަން އެބަހުރި ކަމަށް މިފްކޯއިން ބުނެފި އެވެ.
ސަރުކާރުގެ މަސް ކުންފުނީގެ މާލީ ގޮތް ނޫސްތަކާ ހިއްސާކުރަމުން މިފްކޯ އިން ބުނެފައި ވަނީ އެ ކުންފުނި އެތައް އަހަރެއް ވަންދެން ދަރަނީގައި ހިންގައި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ކުންފުނި ބައްޓަންކޮށްފައި އޮތުމުން މިފްކޯ އަށް ވަނީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި ކަމަށެވެ. އަދި އެ ގެއްލުން ފޫބެއްދުމަށް 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސަރުކާރުގެ ބަޖެޓުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް މިފްކޯ އިން ބުނެ އެވެ.
"ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައި،" މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މުއްދަތުގެ ކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މައާފްކޮށްދީފައިވާ ކަމަށެވެ.
މިފްކޯއިން ނަގާފައިވާ ލޯނުތަކަކީ އިންވެސްޓް ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، މީގެ ތެރެއިން ބައެއް ފައިސާގެ އިންޓަރެސްޓްގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިޔަން ރުފިޔާ ހޭދަވެ އެވެ.
މިފްކޯއިން ބުނީ 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިޔަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މިފްކޯ އިން ބުނީ މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައި ނުވާއިރު، 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ފަށައިގެން ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވޯކިން ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި، ކުންފުނި ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ހަރަދުތައް ރީސްޓްރަކްޗާކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަން މިފްކޯއިން ބުނެ އެވެ. އަދި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިފްކޯއިން ބުނީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށް މިފްކޯއިން ބުނެ އެވެ.