ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް މީގެ ކުރިން 1،000 ޑޮލަރާ ހަމައަށް ޑޮލަރު ގަނެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސާފައިވާ އުސޫލަށް ބަދަލު ގެނެސް އެ ދަރިވަރަކު ހުންނަ ގައުމަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޭން ކަނޑައަޅާފައިވާ ސްޓައިޕެންޑް ރޭޓާ އެއްމިންވަރަށް ފައިސާ ފޮނުވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި ބަދަލާ އެކު ދިވެހި ދަރިވަރުން އެންމެ އާންމުކޮށް ކިޔަވަން ތިބޭ ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް، މެލޭޝިއާ، ފިލިޕީންސް، ނޭޕާލް، އަދި ތައިލެންޑް ފަދަ ގައުމުތަކުގައި ސްޓައިޕެންޑްގެ ގޮތުގައި ބީއެމްއެލް އިން މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު 1000 އަށް ވުރެ މަދުވާނެ އެވެ. މިގޮތުން، އިންޑިއާގައި ކިޔަވާ ދަރިވަރަކަށް ދެން މަހެއްގެ މައްޗަށް ގިނަވެގެން ބީއެމްއެލް އިން ދެން ގަނެވޭނީ 440 ޑޮލަރެވެ. މެލޭޝިއާ ނަމަ 415 ޑޮލަރެވެ.

ބަންގްލަދޭޝްގައި ތިބި ދަރިވަރުންނަށް ވިއްކާނީ 400 ޑޮލަރެވެ. އަދި ތައިލެންޑުގައި ތިބި ދަރިވަރުންނަށް ގަނެވޭނީ 598 ޑޮލަރެވެ. ފިލިޕީންސްގައި ތިބި ދަރިވަރުންނަށް ކަނޑައަޅާފައިވަނީ 450 ޑޮލަރެވެ. ނޭޕާލްގައި ކިޔަވާނަމަ 415 ޑޮލަރު ކަނޑައަޅާފައިވާއިރު، ރަޝިއާގައި ތިބި ދަރިވަރުންނަށް 615 ޑޮލަރު ގަނެވޭނެ އެވެ.

ސްކޮލާޝިޕްގައި ކިޔަވާ ކުދިންނަށް ސްޓައިޕެންޑުގެ ގޮތުގައި އެކި ގައުމުތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކި އަދަދު ކަނޑައަޅާފައިވާއިރު، ބީއެމްއެލް އިން ދަރިވަރުންނަށް ޑޮލަރު ދެން ވިއްކާނީ މިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ އަދަދުތަކާ އެއް ގޮތަށް ކަމަށް އެ ކުދިންނަށް ބޭންކުން ވަނީ އަންގައިފަ އެވެ.

ސްކޮލާޝިޕެއްގައި ކިޔަވަން ރާއްޖެއިން ބޭރުގައި ހުރި ދަރިވަރަކަށް ބީއެމްއެލް އިން ފޮނުވި މެއިލްއެއްގައި ބުނެފައި ވަނީ އެންމެ ގިނަވެގެން އެއް ފަހަރާ ސްޓައިޕެންޑްގެ ގޮތުގައި ޖަމާކުރެވޭނީ ގިނަވެގެން ތިން މަހުގެ ފައިސާ ކަމަށެވެ. އަދި ދިރިއުޅޭ ތަނުގެ ކުލި ޖަމާކުރެވޭނީ ކުއްޔަށް ހިފި ފަރާތާއެކު ކޮށްފައިވާ އެގްރިމަންޓާ އެއްގޮތަށް ކަމަށާއި އެގޮތުން ގިނަވެގެން ޖަމާކުރެވެނީ 12 މަހުގެ ފައިސާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބޭންކުން ބުނެފައި ވަނީ ކުލީގެ ފައިސާ ޖަމާކުރާނީ ސީދާ ކުއްޔަށް ދިން ފަރާތުގެ އެކައުންޓަށް ކަމަށެވެ.

ޑޮލަރު ލިބުމުގެ ތާށިކަން ބީއެމްއެލް އަށް ކުރިމަތިވެފައިވާ ކަމަށް އެ ބޭންކުން ބުނަމުން އަންނަތާ އެތައް އަހަރެއްވެފައިވެ އެވެ.

މިދިޔަ މެއި މަހު ބޭއްވި ބޭންކުގެ އަހަރީ އާއްމު ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށް ވުރެ 333 މިލިއަން ޑޮލަރުގެ އިތުރަށް މިހާތަނަށް ބޭންކުން ވިއްކާފައިވާ ކަމަށެވެ. އަދި ބޭންކުން ބުނަނީ ގަންނަން ނުލިބޭ މިންވަރަކަށް ޑޮލަރު ވިއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ދަރިވަރުންނަށް ލިބޭ ޑޮލަރުގެ މިންވަރު ބޮޑުތަނުން ބީއެމްއެލް އިން ދައްކުރި އިރު، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން މަހަކު 1،200 ޑޮލަރު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނެގޭ ގޮތަށް ހަމަޖައްސާނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ބުނި ނަމަވެސް އެކަންވެސް ކުރެވިފައެއް ނުވެ އެވެ.