އައްޑޫ ޑީވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖްގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި އަންނަ މަހު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއާ ބްރިޖު މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މި ބްރިޖުގެ މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލު ދެމުން އެ މިނިސްޓްރީން ބުނީ ދެން ކުރަންޖެހޭ މަސައްކަތްތަކަކީ ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމާ, މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް ބްރިޖުގެ ދަށުން ނެގުން ކަމަށެވެ.

"ޖުލައި މަހު އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ބްރިޖު ހުޅުވާލުމުގެ ތައްޔާރީތަށް ދަނީ ވަމުން." މިނިސްޓްރީން ބުންޏެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.

ހަންކެޑެ ވަށައިގެން ބްރިޖެއް ހެދުމުގެ ބޭނުމަކީ އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓަށް ހަންކެޑެ ވަކި ކުރުމެވެ. ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. މި މަސައްކަތް ފެށީ ޑިސެމްބަރު 2، 2021 ގަ އެވެ.

ހަންކެޑެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން، އައްޑޫ ސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ބުނެ އެވެ.

އެ މަޝްރޫއު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްގީ ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ތެރެއިން ތައާރަފް ކުރާ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި ދަ ގްރޭންޑް، ދެ ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ހިމެނޭނެ ކަމަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުންޏެވެ.