ހިޓާޗީ ބްރޭންޑްގެ "ހަކަތަރި" ލޭބަލް ޖެހި އައިސްއަލަމާރި އަދި ދޮންނަމެޝިން ރާއްޖޭގެ ބާޒާރަށް އެސްޓީއޯ އިން ތައާރަފުކޮށްފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިޓާޗީ ބްރޭންޑްގެ "ހަކަތަރި" ލޭބަލް ޖެހި އައިސްއަލަމާރި އަދި ދޮންނަމެޝިން ރާއްޖޭގެ ބާޒާރަށް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓރީ އަޖުވަދު މުސްތަފާ އާއި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް އެވެ.

އެސްޓީއޯ އިން ބުނީ "ހަކަތަ ސަމަކާރަ" ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ކަރަންޓު ހަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުން ކަމަށެވެ.

ހިޓާޗީ ބްރޭންޑްގެ

ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީ ނަމަވެސް ކަރަންޓު ހަރަދު ބޮޑުވެގެންދިއުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. އެހެންކަމުން ކަރަންޓު އާލާތްތައް ހޯދުމުގައި "ހަކަތަރި" ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލް އެކެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. ދެހާސް އެކާވީސް ވަނަ އަހަރު ތައާރަފު ކުރި "ހަކަތަރި" ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ.

ހިޓާޗީ ބްރޭންޑްގެ

އެސްޓީއޯ އަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖުތަމައަށް ފައިދާކުރުވާ ޒަމާނީ އާ ކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޏެކެވެ. އެގޮތުން މެއި 12، 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް "ހަކަތަރި" ލޭބަލް ޖެހި ހިޓާޗީ އެއާކޮންޑިޝަނާ ތައާރަފް ކުރި އެވެ. އެސްޓީއޯ އިން "ހަކަތަރި" ލޭބަލް ޖެހި އޭސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 ޕަސެންޓް ކަރަންޓް މަދުން ބޭނުންކުރާ އޭސީތައް ހިމެނެ އެވެ.

މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.

މީގެ އިތުރުން ނޮވެމްބަރު 2023 ގައި ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔަ އެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެ އެވެ.

"ހަކަތަރި" ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯ އިން "ހަކަތަރި" ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިން ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.