ޗައިނާ އާއި ރާއްޖޭގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަޢަދަދަކަށް ހިންގާ ބައެއް ބޮޑެތި މާކެޓްތަކާއެކު ކަރަންސީ ސެޓްލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ރައީސުލްޖުމުހޫރިއްޔާ އަދި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އަދި ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު މިނިސްޓަރު ސައީދު މަޝްވަރާކުރައްވާފައިވާއިރު، މީގެ ކުރިން މިކަމާ ގުޅޭ މަޝްވަރާތައް އެ ގައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރާ އެކު ވެސް ކޮށްފައިވެ އެވެ.

އެގޮތުން ޗައިނާއާއި ރާއްޖެއާއި ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމުކުރުމަށް ޗައިނާގެ ވިޔަފާރިއާ ބެހޭ ވަޒީރު ވަންގް ވެންޓައޮއާއެކު މަޝްވަރާކުރައްވާފައި ވަނީ މިމަހުގެ 25ވަނަ ދުވަހު އެވެ.

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.