ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ރާއްޖެ އިން ޑީޕޯޓް ކޮށްލާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންނާއި ގުޅިގެން އިއްޔެ ވާނީ ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފަ އެވެ. މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ދަށުން ހޮނިހިރު ދުވަހު ފެށި މި އޮޕަރޭޝަންގެ ބޭނުމަކީ، ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދާ، ގަވައިދުން ބޭރުން ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު މާލޭގެ އެކި ސަރަހައްދުތައް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓާ މާލެތެރޭގައި ހުރި މާރުކޭޓުތައް އަދި މާލޭގެ ބައެއް އެހެން ސަރަހައްދުތައް ވެސް ބަލާފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ. އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ބެލިއިރު، ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 50 ބިދޭސީން އިމިގްރޭޝަނާއި ވަނީ ހަވާލުކޮށްފަ އެވެ.

ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ މަނާކަމަކަށް ވިޔަސް މާލޭގެ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަކުގައި ގިނައިން ސޭޓުން ގޮތުގައި މަސައްކަތް ކުރަނީ ބިދޭސީންނެވެ.