ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އެންވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމްގެ ބަންދަށް ހަތް ދުވަސް މިއަދު ޖަހައިފި އެވެ.

ސިހުރު ހެދުމުގެ ހުތުމަތުގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ ޝަމްނާޒާއި އިތުރު ދެ މީހުނަކު ހައްޔަރުކޮށްފަ އެވެ.

ޝަމްނާޒް ހައްޔަރުކޮށް، ބަލަމުން ދަނީ ރައީސް މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އާއިލާއަށް އަމާޒުވާ ސިހުރު ހެދުމުގެ މައްސަލަ އެކެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ޝަމްނާޒް އާއި އޭނާގެ ކުރީގެ ފިރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ރަމީޒް އާއި ޝަމްނާޒް ވެސް މަގާމުން ސަސްޕެންޑުކުރިއިރު، ޝަމްނާޒްގެ ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު ވަނީ ނަގާފަ އެވެ.

ޝަމްނާޒް ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރެއްވިއިރު އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ އަނބިކަނބަލުންނެވެ. ނަމަވެސް ދެކަނބަލުންގެ ކައިވެނި ވަނީ މި މަހު ރޫޅިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު އިންތިހާބުވުމުން ޝަމްނާޒް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމުން މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އޭނާ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރީ ޖެހިގެން އައި ދުވަހު އެވެ.

އޭނާ ފުރަތަމަ އައްޔަން ކުރީ މުލިއާގޭގެ އިސްވެރިޔާގެ މަގާމަށެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ވަނީ އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފަ އެވެ.

ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.