ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ގއ. އަތޮޅަށް ހުޅުވާލައިގެން ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ބާއްވައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިދިޔަ ޖޫން މަހުގެ 28 އަދި 29 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި ހެލްތް ކޭމްޕްގައި 317 ފަރާތަކުން ބައިވެރިވެ، ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ވިލިނިގިލީގެ އިތުރުން މި އަތޮޅުގެ އިތުރު ރަށްތައް ކަމަށްވާ މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިން މި ކޭމްޕުގައި ބައިވެރިވެފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން މި ކޭމްޕުގައި ބަލިތައް ދެނެގަތުމާއި، ސިއްހީ ހޭލުންތެރިކަމާއި އަދި ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެވޭ ފަރުވާގެ މައުލޫމާތު އާންމުންނާއި އަދި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވީ މިއީ މާލެއިން ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައިވާ ފަރާތްތަކަށް ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. އަދި އެއީ މާލެއަށް ދަތުރު ކުރުމަށް ހޭދަވާ ވަގުތާއި، ޚަރަދު ސަލާމަތް ކުރެވި، ފަސޭހައިން ސްޕެޝަލިސްޓް ޑަކްޓަރުންނަށް ދެއްކޭނެތީ ކަމަށް ޑރ. ސްރިދާރް ވިދާޅުވި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލަށާއި ކައުންސިލަށް މި ކޭމްޕް ބޭއްވުމަށް ވެދެއްވި އެހީއަށް ޓްރީޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކުރެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރުކު ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕްތައް ބާއްވާފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕުގައި ބައިވެރިވި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުންގެ ޓީމު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓީޓީއެޗް

ޓްރީޓޮޕް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވީ ކޮންސަލްޓެންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. އަބްދުލް އަޒީޒް އާއި ކޮންސަލްޓެންޓް އީއެންޓީ ސްޕެޝަލިސްޓް ޑރ. ޑރ. ޗަންދްރަޝޭކަރު ރަވާލް އާއި ކޮންސަލްޓެންޓް އޮތޮޕީޑީކްސް އެންޑް ޓްރައުމާ ސާޖަން ޑރ. މުހައްމަދު ހަބީބާއި ޑރ. އަލީ މުޒްނީ އާއި ކޮންސަލްޓެންޓް ޕުލްމޮނޮލޮޖިސްޓް ޑރ. ތެހްޒީބް ފާރުގީ އާއި ކޮންސަލްޓެންޓް ޔޫރޮލޮޖިސްޓް ޑރ. މެހްމުތް އޮޑާ ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.