ޑުސެލްޑޯފް (1 ޖުލައި) – މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި ބެލްޖިއަމްގެ ޔާން ވެޓޮންގަން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، ޔޫރޯގެ ގަދަ 16ގެ ބުރުގައި މިރޭ ބެލްޖިއަމް އަތުން 1-0 އިން މޮޅުވެ، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ޓީމު އެއްވަރުގެގެން މެޗު ނިމެން ދަނިކޮށް، ފްރާންސަށް ކުރި ލިބުނީ މެޗުގެ 85 ވަނަ މިނިޓުގައި ފްރާންސްގެ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާއެއް، ޓޮޓެންހަމް ހޮޓްސްޕާއަށް ކުރިން ކުޅުނު ޑިފެންޑަރު ވެޓޮންގަންގެ ގައިގައި ޖެހިފައި ގޯލަށް އަމާޒުވުމުންނެވެ. ވެޓޮންގަންގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވުމުން، ބެލްޖިއަމްގެ ގޯލްކީޕަރަށް އެ ބޯޅަ ދިފާއު ނުކުރެވުނެވެ.

ދެ ޓީމަށް ވެސް މާ ގިނަ ހުސް ފުރުސަތުތަކެއް ނުލިބުނު މެޗުގައި ފްރާންސް އިން ކުރި ހޯދުމުގެ އިރުކޮޅެއް ކުރިން، ބެލްޖިއަމްއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ބޭރުން ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރޮއިނާ ފޮނުވާލި ހަމަލާ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގަން ވަނީ ދިފާއުކޮށްފަ އެވެ.

ފްރާންސަށް މުޅި މެޗުގައި ބެލްޖިއަމްގެ ގޯލަށް ބޯޅަ އަމާޒުކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް އަމިއްލަ ހުނަރުން ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، ގޯލަށް ބޯޅަ އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ. މިޑްފީލްޑަރު އައުރެލިން ޝުއަމެނީ ވެސް ރަނގަޅު ހިސާބަކުން ދެ ޝޮޓް ފޮނުވާލި ނަމަވެސް، ގޯލަށް އަމާޒެއް ނުވި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ ސްޕެއިން ނޫނީ ސްލޮވީނިއާ އެވެ.