މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއިން ފާސްކުރި މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވަރުނަރު ވަކި ކުރުމަށް ރައީސް މުއިއްޒަށް ލަފާދޭން މާލިއްޔަތު ކޮމިޓީން ފޮނުވި ސިޓީ މަޖިލީހުގައި ވަނީ އިއްވާފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގަ އެވެ. ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.