މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ.

މިއަދު ކޮމިޓީގައި ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމަށް ދިމާވެފައިވާ މާލީ ހާލަތު ގޯސްވެ، ގައުމުގެ އިޤްތިސާދު ކާރިސާއަކުން ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ވެރިޔާގެ ހައިސިއްޔަތުން އެއްވެސް ވަރަކަށް މަސްއޫލިއްޔަތު އަދާކުރައްވަމުންނުދާކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

ނާޒިމް ފާހަގަ ކުރެއްވި ގޮތުގައިސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ގަވަރުނަރު ނުކުރައްވަ އެވެ.

ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގަ އެވެ. ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.