ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައި ވަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުނާރާ ގޮތަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖެއިން ސޮއިކުރި ސަމޯއާ އެއްބަސްވުމަކީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކެއް ހިމެނޭ އެއްބަސްވުމެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ. އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައި ވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު ކަން ހީނާ ފާހަގަކުރެއްވި އެވެ.

"ޕާޓްނަޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރު ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބާސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދާ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް"ގައި ދިވެހިރާއްޖެއިން ސޮއިކުރީ ހޯމަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދު އިގްތިސޯދާއި ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.

މި އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަންއާއި އޯއޭސީޕީއެސްއާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.