ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދެއެއްގެ އެޗް 5 ކައިރިން ކާރަކާއި ސައިކަލެއް ޖެހި، ސައިކަލު ކޮންޓްރޯލު ނުވެގެން ގޮސް އެހެން ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދު 8:13 ގައި ކަމަށާއި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ ފޭސް ދޭއްގެ "އާހިޔާގޮފި" ކައިރީގައި ދެ ސައިކަލު ޖެހިގެން ކަމަށާއި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

މި އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަތުގައި ލައިސަންސް ނެތް ކަށާއި އަނެއް ސައިކަލް ދުއްވަން އިން 33 އަހަރުގެ އަންހެން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ދެ އެކްސިޑެންޓް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.