ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން އަންގައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެހެންވެ، ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ސިޓީގައި އެދިފައިވެ އެވެ.
އެ ސިޓީގައި އެދިފައި ވަނީ މިވަގުތު ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމާއި މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުމާއި ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އެންގިއިރު، ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް ވިދާޅުވީ ބޮލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ މާލީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ ޖުލައި 24ގެ ބަންދަށް، ހއ. އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ވަނީ ރާވައިފަ އެވެ. އަދި މި އަހަރު ތެރޭގައި ގދ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް ތިން ދުވަހަށް ދުބާއީ އަށް ދަތުރު ކުރުމަށް 837،078ރ. ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.