ސަރުކާރެކޭ ކިޔާފަ ހަވާލުވާން ޖެހުނީ "ތޮށިގަނޑަކާ" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ އިއްޔެ އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އޭނާ ވިދާޅުވީ ހަރަދު ކުޑަކުރަން ޖެހިގެން މިއުޅެނީ މި ސަރުކާރުން ކުރި ހޭދަތަކަކުން ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތައް ހިތުހުރި ގޮތެއް ހަދައި، ޓެކްސް ބޮޑުކޮށް ލިބުނު އާމްދަނީ އަށްވުރެ ބޮޑު ހޭދައެއްކޮށް، ކުންފުނިތަކުން އިސްރާފް ބޮޑުކުރުމުގެ ނަތީޖާ ކަމަށެވެ.

"މާތްالله ގެ ރަހްމަތުން، ދިވެހީން ކުރެއްވި މަސައްކަތުން ޤައުމު ސަލާމަތް ނުވި ނަމަ ދަރިންނާއެކު ޓީވީ ބަލަން ދިވެހީން ތިއްބައި ގެއިން ކެނޑޭނީ ކަރަންޓް. ބަލާލާއިރު އޮންނާނީ އިންޖީނުގެއިން ތެޔޮ ހުސްވެފައި. އިރާދަކުރެއްވިއްޔާ އެހިސާބަށް މިޤައުމު ދިޔަކަ ރައީސް ޑރ މުއިއްޒު ނުދެއްވާނެ" ޝުޖާއު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ޝުޖާއު ކުރެއްވި ދެވަނަ ޕޯސްޓްގައި ވިދާޅުވީ އެމްޑީޕީން މިވަރަށް ދޮގު ހަދާއިރު ލަދުހަޔާތެއް ވެސް ހުންނަން ޖެހޭނެ ކަމަށާއި ޕީއެންސީން ހަވާލުވީ ސަރުކާރެކޭ ކިޔާ ”ތޮށިގަނޑަ" އަކާކަމަށާ އަދި ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރި ނަމަ މިއަދު ގައުމު އޮންނާނީ ބަނގުރޫޓްވެ ބޭންކްރަޕްސީ އިއުލާންކޮށްފައި ކަމަށެވެ.

އިތުރަށް ޝުޖާއު ވިދާޅުވެފައި ވަނީ އެމްޑީޕީން ވެރިކަން ކުރީ ފައިސާ ޗާޕްކޮށްގެން ކަމަށާއި މުސާރަތައް ސިޔާސީގޮތުން ބޮޑުކޮށް ކުޅުނު ނާޗަރަންގީގެ ސަބަބުން ބޯފެންކޮޅު އިހު ހުރި އަގުގައި ގަންނަން ނުލިބޭ ކަމަށެވެ. މި ގައުމު ހަގީގީ މާނައިގައި ރައީސް ޑރ މުއިއްޒު ސަލާމަތް ކޮށްދެއްވާތަން ބަލަން ތިބުމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްގައި މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ހުށަހެޅި ގަރާރަށް އަންގާރަ ދުވަހު ބަހުސް ކުރައްވަމުން، މެންބަރުންގެ މިހާރުގެ މުސާރަ އަދިވެސް ކުޑަ ކަމަށް ޝުޖާއު ވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ހާމަކޮށްފައިވާ މި ދަނޑިވަޅުގައި މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލިސްގައި ހޫނު ބަހުސްތަކެއް ކުރެވިފައި ވާއިރު މަޖިލިސް ތެރެއިން ފެނިގެން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރާތަނެވެ. ސަރުކާރު މެންބަރުން ހުއްޓުމެއްނެތި ކުރީ ސަރުކާރުގެ ވާހަކަ ދައްކަވާއިރު އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ މައުލޫމާތު ސިއްރު ކުރާ ކަމުގެ ތުހުމަތު ކުރަމުންނެވެ.