ރޭގަނޑު އަށަކުން ފެށިގެން މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8:00 އިން 10:30 އަށް މާލޭ ސަހަރައްދުގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެޗްއީއޯސީން އިން ވަނީ އެދިފަ އެވެ.

ކޮވިޑްގެ ފިޔަވަޅުތައް މާލޭގައި ވަރުގަދަ ކުރީ މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ތަބާނުވާތީ، އެކަމުގެ ސަބަބުން ކޮވިޑްގެ ކޭސްތައް ދަށް ނުވާތީ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑރ. އަހްމަދު ޝަހީދު ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަޑިތަކުގައި ގޭގައި މަޑުނުކޮށް ގިނަ ބަޔަކު އެއްފަހަރާ މަގުތަކަށް ނުކުންނަކަން ފާހަގަވާ ކަމަށާއި އެކަމުގެ ސަބަބުން އެ ފިޔަވަޅުގެ ނަތީޖާ ހާސިލުނުވާ ކަމަށެވެ.