ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް އެކި ކަންކަން ތަޖުރިބާ ކުރުމަކީ ގިނަ ބައެއްގެ އުއްމީދަކަށް ވީނަމަ ވެސް އެކި ސަބަބުތަކާ ހުރެ ގިނަ ފަހަރަށް އެކަން އޮންނަނީ ނުވެފަ އެވެ.
އެހެން ނަމަވެސް އުމުރުން 21 އަހަރުގެ ލެކްސީ އެލްފޯޑްއަކީ އެ ޅަ އުމުރުގައި ވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފައިވާ ޒުވާނެކެވެ.
ލެކްސީ ވަނީ އެންމެ ހަގު އުމުރުގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރަތްކުރި މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
ޔޫޓިއުބް ޗެނަލްއެއް ވެސް ހިންގަމުން އަންނަ ލެކްސީ ދުނިޔޭގެ ހުރިހާ ގައުމަކަށް އޭނާ ކުރި ދަތުރު ފަށާފައިވަނީ ވަރަށް ހަނގު އުމުރެއްގަ އެވެ. އެ ދަތުރު އޭނާ ނިންމާލީ މި އަހަރު އެވެ.
ގިނަ ގައުމުތަކަށް ލެކްސީ ދަތުރުކުރީ އެއްގަމު މަގުން އޭނާގެ ކާރުގައި ނަމަވެސް ބައެއް ގައުމުތަކަށް ވައިގެ މަގުން ވެސް އޭނާ ދަތުރުކުރި އެވެ.
ލެކްސީ އޭނާގެ ތަޖުރިބާތައް ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފަައިވާއިރު އެ ވީޑިއޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމާއި ތަރުހީބު ވެސް ލިބެ އެވެ.