ގިނަ ކުޑަކުދިންނަށް އެންމެ ކަމުދާ "ބާބީ"އަށް އަހަރުތަކުގެ ތެރޭގައި އައިސްފައިވާ ބޮޑު ބަދަލުތައް ދައްކުވައިދޭ މައުރަޒެއް ފަށައިފި އެވެ.

މި މަހުގެ 5 އިން 23 އަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ އެ މައުރަޒުގައި ބާބީ އުފެދުނީއްސުރެ މިއަދާ ހަމައަށް އެއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދީފައިވެ އެވެ.

އެންމެ ފުރަތަމަ 1959 ވަނަ އަހަރު ބާބީ ވުޖޫދަށް އައިއިރު ހުރި ގޮތާއި އަހަރުތަކުގެ ތެރޭގައި ބާބީގެ ސިފައަށާއި އަންނައުނު އަދި ޑްރީމް ހައުސްއަށް އައިސްފައިވާ ބަދަލުތައް ޑިސްޕްލޭގައި ބަހައްޓާފައިވެ އެވެ.

ހަމައެއާއެކު އެކި ވަޒީފާތައް ދައްކުވައިދޭ ކަލެކްޝަނެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ނެރެފައިވާ ވީލްޗެއާ، ހިއަރިން އެއިޑް ފަދަ އާލާތްތަކާއެކު ވެސް ކަލެކްޝަނެއް ފެންނަން ހުއްޓެވެ.

މީގެ އިތުރުން 1961 ވަނަ އަހަރު ނުކުތް ބާބީގެ ބައިވެރިޔާ ކެންއަށް ވެސް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ބައެއް މައުރަޒުގައި ހުރެ އެވެ.

ބާބީގެ 65 ވަނަ އުފަން ދުވަހާ ގުޅުވައިގެން މި މައުރަޒު ބާއްވާފައިވާއިރު މާގޮޓް ރޮބީ ފެނިގެންދިޔަ މިދިޔަ އަހަރުގެ ފިލްމު "ބާބީ"އަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ.