ނިދަން ބޭނުންކުރާ ގޮދަޑިއަކީ ނުސީދާ ގޮތެއްގައި އަހަރުމެންގެ ސިއްހަތަށް އަސަރުކުރާ އެއްޗެކެވެ. ނިދާ ގޮދަޑީގެ ސަބަބުން މައިބަދައިގެ މައްސަލަތައް ކުރިމަތިވުމަކީ ވެސް އާއްމު ކަމެކެވެ. އެހެން ކަމުން ގޮދަޑިއެއް ގަންނައިރު ބައެއް ކަންކަމަށް ވިސްނާލުން ވަރަށް މުހިއްމެވެ.
އެންމެ ފުރަތަމަ ކަމަކަށް ނިދާއިރު އޮންނަ ގޮތަށް ވިސްނާލާށެވެ. އުއްޑުން ނުވަތަ ބަންޑުން އޮވެ ނިދާނަމަ އެންމެ ރަނގަޅީ ނަރު ގޮދަޑި އެކެވެ. ސަބަބަކީ ބުރަކަށްޓަށް ބޭނުންވާ ސަޕޯޓު އެއިން ލިއްބައިދޭތީ އެވެ.
އަރިއަކަށް އޮވެ ނިދާނަމަ އެންމެ ރަނގަޅުވާނީ މެމޮރީ ފޯމް ގޮދަޑި އެކެވެ. އެއީ އަރިކަށީގެ ބައްޓަމަށް ގޮދަޑި ހަމަޖެހި މައިބަދައަށް ލުއި ގެނުވައިދޭތީ އެވެ.
ދެވަނަ ކަމަކަށް ގޮދަޑީގެ ބޯމިނަކީ ވެސް ވިސްނާލުން މުހިއްމު ކަމެކެވެ. ގޮދަޑި ބޯވާ ވަރަކަށް އުނަގަނޑާއި މައިބަދަޔަށް ކުރާ ބާރު އިތުރުވެ އެވެ.
ހަމައެހެންމެ ގޮދަޑީގެ ކައިރި ހުންނަ ގޮތާއި ބޭރުން ލާފައިވާ އުރައަކީ ވެސް ސަމާލުވާން ޖެހޭ ކަންކަމެވެ. ގޮދަޑީގެ ކައިރި އުސްވެފައި ހުރުމާއި ގޮދަޑީގައި އޮންނަ އުރަ ހަރު ފޮއްޗަކުން ހުރުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ.
ސިއްހަތަށް ގެއްލުންނުވެ އަރާމު ނިންޖެއް ބޭނުންވާނަމަ ގޮދަޑިއެއް ގަތުމުގެ ކުރިން މި ދެންނެވި ކަންކަމަށް ވިސްނާލުން ވަރަށް މުހިއްމެވެ.