ޑެންގޫ ހުމަކީ ވިއްސާރަ މޫސުމުގައި އަހަރުމެންގެ ތެރޭގައި ވެސް ވަރަށް އާއްމު ބައްޔެކެވެ. މި ބައްޔަކީ އާއްމުކޮށް ފުރާނައްށް ނުރައްކާ ކުރުވާ ބައްޔެއް ނޫން ނަމަވެސް އޭގެ ސަބަބުން ސިއްހަތަށް ދާއިމީ ގެއްލުން ލިއްބައިދޭ ބައްޔެކެވެ.
އެގޮތުން ޑެންގޫގެ ސަބަބުން ސިކުނޑިއަށާއި ނާރުގެ ނިޒާމަށް ލިބޭ ގެއްލުންތަކަކީ އެކަމާ މެދު މާހިރުން އިންޒާރު ވެސް ދީފައިވާ ގެއްލުންތަކެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ޑެންގޫގެ ސަބަބުން ސިކުނޑި ދުޅަވެ ސިކުނޑިއާ ގުޅިފައިވާ ނާރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. ނަތީޖާއަކަށް ވަނީ އާއްމު ސިކުނޑީގެ ގާބިލިއްޔަތުކަން ދަށްވުމެވެ.
މީގެ އިތުރުން ވެސް ޑެންގޫ ހުން ޖެހި ރަނގަޅުވާ މީހުން ދިގު މުއްދަތުގައި ސްޓްރޯކް ފަދަ ސިކުނޑީގެ ނުރައްކާތެރި ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހަމައެއާއެކު ޑެންގޫ ހުމަކީ އަމިއްލަ ދިފާއީ ނިޒާމުން ނާރުގެ ނިޒާމަށް ހަމަލާދީ ނާރުތަކުގެ ބާރު ދަށްކޮށްލާ ބައްޔެއް ކަމަށް ވެސް ދިރާސާތަކުން ދައްކާފައިވެ އެވެ.
ވުމާއެކު ވިއްސާރަ މޫސުމުގައި ގޭގައި މަދިރި އާލާވާ ތަންތަން ނުބެހެއްޓުމަށާއި މަދިރި ހެފުން ދުރުކޮށްދޭ ކަންކަމަށް ސަމާލުވުން ވަރަށް މުހިއްމެވެ.