ބޮލީވުޑްގެ އެކްޓަރުން ފިލްމުތަކަށް ނަގާ އަގުތަކާއި ފީތައް ބޮޑުވާތީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިފަހުން އާއްމުކުރި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކަރަން ބުނީ ފިލްމެއް އުފެއްދުމުގެ ހަރަދުތައް ބޮޑުތަނުން އުފުލިފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ބޮޑުވެފައި ވަނީ އެކްޓަރުން ނަގާ ބޮޑު އަގުތައް ކަމަށެވެ.

އެގޮތުން ކޮންމެ ފިލްމަކަށް 35 ކްރޯޑް ރުޕީސް ނަގާ ވަކިވަކި އެކްޓަރުން ހުދު އޭނާއަށް އެނގޭ ކަމަށާއި އެފަދަ އެކްޓަރުންގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބެނީ 3.5 ކްރޯޑް ރުޕީސް ކަމަށް ކަރަން ބުންޏެވެ.

"ފިލްމުގެ ކޮލިޓީއާއި ރަނގަޅު ޕްރޮމޯޝަންތަކާއެކު ވެސް އެ ފަދަ ތަރިންގެ ފިލްމުތަކަށް އެދެވިގެންވާ އާމްދަނީއެއް ނުލިބޭ،" ކަރަން ބުނެފައިވެ އެވެ

އެ ޕޮޑްކާސްޓްގައި ކަރަން ވަނީ ބޮލީވުޑްގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ބޮލީވުޑަށް ހާއްސަ ސްޓައިލް ގެއްލި ބޭރުގެ ވައްޓަފާޅިއާ މަސްހުނި ވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ހަމައެއާއެކު ބެލުންތެރިންގެ ޝައުގުވެރިކަން ހިންދީ ފިލްމުތަކަށް ގެއްލި ބޭރުގެ ފިލްމުތަކަށް ނިސްބަތުން ބޮޑު އާމްދަނީއެއް މިހާރު ލިބޭކަން ވެސް އޭނާ ފާހަގަކުރި އެވެ.