މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ އަލްބަމް "ޑެތް އޮފް ސްލިމް ޝޭޑީ"ގެ އާ ލަވައަކީ އޭނާގެ ދަރިފުޅަށް ހާއްސަކޮށްގެން ނެރުނު ލަވައެއް ކަމަށް ހަބަރުތައް ބުނެފި އެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު އާއްމުކޮށް ނެރެފައިވާ "ޓެމްޕޮރަރީ" ނަމަކަށް ކިޔާ އެ ލަވައަކީ އާއްމުކޮށް އެމިނެމް ކިޔާ ރެޕް ލަވަތަކާ ވަރަށް ތަފާތު ލަވައެކެވެ.

އެ ލަވައިގެ ޅެމުގައި ވަރަށް އަސަރުގަދަ ބައިތަކެއް ހިމެނޭއިރު އެއީ އެމިނެމްގެ 28 އަހަރުގެ ދަރިފުޅު ހެއިލީ ސްކޮޓްއަށް ނިސްބަތްކޮށް ހަދާފައިވާ ޅެމެއް ކަމަށް ބެލެވެ އެވެ.

އެގޮތުން އެ ޅެމުގެ މާނައިގައި އޭނާ އެންމެ ބިރުގަންނަ ކަމަކީ ބުނަން ބޭނުންވާ އެއްޗެއް ބުނަން ބޭނުންވާ މީހާގެ ގާތުގައި ނުބުނެ ދުނިޔެއާ ވަކިވުން ކަމަށް އެމިނެމް ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް ހެއިލީގެ ގާތުގައި އޭނާ ނެތް ނަމަވެސް އޭނާގެ ލޯތްބާއި ސަޕޯޓު ހެއިލީއާއެކު ވާނެ ކަމަށް އެމިނެމް ބުނެފައިވެ އެވެ.

https://www.youtube.com/watch?v=drJ508gTslE

ލަވައިގެ ޖުމްލަ މާނައިގައި އެމިނެމް ދައްކާފައިވަނީ އޭނާގެ މަރާއި އެ މަރުގެ ސަބަބުން ހެއިލީގެ ދިރިއުޅުމަށް އަންނާނެ ބަަދަލުތަކުގެ ވާހަކަ އެވެ.

ހެއިލީ ސްކޮޓްއަކީ އެމިނެމްއާއި އޭނާގެ ކުރީގެ ބައިވެރިޔާ ކިމް ސްކޮޓްއަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން ދެވަނަ ދަރިފުޅެވެ.