ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަންކަން ހުއްޓުވަން އެންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިގެންނުވާ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އޮތީ ނިންމައިފަ އެވެ.

އެ މައްސަލަ އޭސީސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި ދައުލަތުން ބުނީ ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް ކުރިން އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ނިމިފައިވާތީ ވަގުތީ އަމުރު ނެރުނު ނަމަވެސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. އަދި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރަން ދައުލަތުން އެދުނެވެ.

ނަމަވެސް އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ހުއްޓުވުމަކީ އެ ކޮމިޝަނަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި އަދި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްރޮމޯޝަންތައް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށް އެ ކޮމިޝަންގެ ވަކީލުން ހައި ކޯޓުގައި މިއަދު އެދުނެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.