ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކެޕްޓަން އެމެރިކާ ފްރެންޗައިޒްގެ އާ ފިލްމު "ދަ ބްރޭވް ނިއު ވޯލްޑް" ބޮއިކޮޓް ކުރަން އާއްމުން ގޮވަން ފަށައިފި އެވެ.

"ދަ ބްރޭވް ނިއު ވޯލްޑް" ދެކޮޅަށް އާއްމުން އެންޓި ކެމްޕެއިންއެއް ފަށާފައި މިވަނީ ފިލްމުގައި ހިމެނޭ ސަޕޯޓިން ކެރެކްޓަރެއްގެ ސަބަބުންނެވެ.

ފިލްމުގައި އެކްޓަރު ޝިރާ ހާސްގެ ކެރެކްޓަރު ރުތުއަކީ ކެޕްޓަން އެމެރިކާގެ ކުރީގެ ފިލްމުތަކުގައި އިޒްރޭލުގެ ސަރުކާރަށް ހިދުމަތް ކޮށްދިނުމަށްފަހު އެމެރިކާއަށް އައިސް އެގައުމުގެ މަތީ މަގާމެއްގައި ހުރި ކެރެކްޓަރެކެވެ. އެހެން ކަމުން އިޒްރޭލަށް ތާއީދުކުރާ މީހުން ބުނަމުން އަންނަނީ އިޒްރޭލަށް ހިދުމަތް ކުރުމަށްފަހު އެ ކެރެކްޓަރު އެމެރިކާގެ އޮފިޝަލަކަށް ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަމައެއާއެކު އިޒްރޭލާ ދެކޮޅު މީހުން އަންނަނީ ފިލްމުގައި އިޒްރޭލަށް ނިސްބަތްވާ ކެރެކްޓަރެއް އުޅޭތީ ވެސް އެ ފިލްމު ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.

"ފިލްމުގައި އިޒްރޭލަށް ނިސްބަތްވާ ކެރެކްޓަރެއް ހިމެނުމަކީ އެގައުމުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ޖަރީމާތަކަށް ހިތްވަރު ލިބޭ ކަމެއް،" މީހަކު ބުނެފައިވެ އެވެ.

މިވަގުތު ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށްދާ "ކެޕްޓަން އެމެރިކާ: ދަ ބްރޭވް ނިއު ވޯލްޑް" ގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު އެ ފިލްމު ސިނަމާތަކަށް އަންނާނީ 2025ގެ ފެބްރުއަރީގަ އެވެ.