އިންޑިއާގެ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާއަކީ "ލޯކަލް" ޑިޒައިނަރެއް ކަމަށް ކްލޯއީ ކާޑޭޝަން ބުުނުމުން އޭނާއަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން ބޭއްވި އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެންޏަށް ކްލޯއީއާއި ކިމް ކާޑޭޝަންއަށް ދައުވަތު އެރުވުނުއިރު އެ ހަފްލާއަށް ކްލޯއީ ދިޔައީ މަނީޝް މަލްހޯތުރާ ޑިޒައިންކޮށްފައިވާ ހެދުމެއް ލައިގެންނެވެ.

އެ ހެދުމާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ކްލޯއީ ބުނެފައިވަނީ އޭނާ ލައިގެން ހުރީ "ލޯކަލް" ޑިޒައިނަރެއްގެ ހެދުމެއް ކަމަށެވެ.

އިނގިރޭސި ބަހުގައި "ލޯކަލް" ބޭނުން ކުރެވެނީ ހަމައެކަނި ވަކި ގައުމަކަށް ނިސްބަތްކުރަން ކަމަށް ވުމުން ކްލޯއީއަށް ބުނެވުނީ މަނީޝްއަކީ ހަމައެކަނި އިންޑިއާގައި މަސައްކަތް ކުރާ ޑިޒައިނަރެއް ކަމަށެވެ.

އެއާ ޚިލާފަށް މަނީޝްއަކީ ބައިނަލްއަގުވާމީ ފެޝަން ޝޯތަކާއި އެހެން ޕްލެޓްފޯމްތަކުގައި ވެސް ބައިވެރިވެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑިޒައިނަރެކެވެ.

އެއާއެކު މަނީޝްއަކީ ކާކުކަން ކްލޯއީ ފަދަ މީހަކަށް ނޭނގުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ އިންޑިއާގެ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އަމްބާނީގެ ދެ ހަފްލާއަކަށް ކްލޯއީއާއި ކިމް ދިޔައިރު އެ ދެ ހަފްލާއަށް ދެތަރިން ވެސް ހިޔާރުކުރީ އިންޑިއާގެ ސަގާފަތާ ގުޅޭ ކަހަލަ ހެދުންތަކެވެ.