އަމީނީމަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި) ގައި ހިންގާ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ރޭ ދަންވަރު 3:06 އެހާއިރު ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ތަޅާލާފައި ވަނީ ކޭއެފްސީ ރެސްޓޯރަންޓުގެ އަމީނީ މަގަށްވާ ގޮތަށް ހުންނަ ދޮރުގެ ބިއްލޫރިގަނޑެކެވެ. ބެލެވޭ ގޮތުގައި އެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ގާބުރިއެއް ފަދަ އެއްޗެއް އެއްލައިގެންނެވެ.

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ވާގިވެރިވާ ބްރޭންޑަކަށްވާތީ ކޭއެފްސީ ބަންދުކުރުމަށް ގޮވާލާ ހަރަކާތް ހިންގަމުންދެ އެވެ.

ދޭތެރެއަކުން އަމީނީ މަގުގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ކައިރީ އިހުތިޖާޖުކޮށް، އެ ބްރޭންޑުތައް ބޮއިކޮޓު ކުރުމަށް ގޮވައިލާ ޒުވާނުންގެ ބަޔަކު އަންނަނީ މުޒާހަރާކޮށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް މުޒާހަރާއެއްގައި މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިފައެއް ނުވެ އެވެ.