މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލަން ގަސްދުކުރާ ކަމަށް މަޝްހޫރު ސްޓޭންޑް އަޕް ކޮމީޑިއަން އެލެން ޑިޖެނެރެސް އިއުލާން ކޮށްފި އެވެ.

އެލެން މި އިއުލާން ކޮށްފައިވަނީ އޭނާގެ ޓުއާ "އެލެންސް ލާސްޓް ސްޓޭންޑްއަޕް"ގެ ސުވާލާއި ޖަވާބު ސެޝަންއެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެލެން ބުނީ އޭނާގެ ކުރިއަށް އޮތް ނެޓްފްލިކްސް ސްޕެޝަލް ފިލްމަކީ އޭނާގެ އެންމެ ފަހުގެ މަސައްކަތް ކަމަށާއި އެއަށްފަހު ދެން އޭނާ ނުފެންނާނެ ކަަމަށެވެ.

"މިއީ ބެލުންތެރިންނަށް އަހަރެން ފެންނާނެ އެންމެ ފަހު ފަހަރު. ދެން އަހަރެން ކެމެރާ ކުރިމަތިންނެއް ނުފެންނާނެ،" އެލެން ބުނެފައިވެ އެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކޮށްލާނެކަން އެލެން އިއުލާން ކޮށްފައި މިވަނީ 20 އަހަަރަށްފަހު އޭނާގެ ޝޯ "ދަ އެލެން ޑިޖެނެރެސް ޝޯ" ހަޑި ގޮތަކަށް ހުއްޓާލަން ނިންމާފައި ވަނިކޮށެވެ.

އެ ޝޯ ހުއްޓާލަން ނިންމާފައިވަނީ ޝޯގެ ސެޓުގައި މަސައްކަތް ކުރާ މީހުންނާ މެދު އެލެން ވަރަށް އިހާނެތިކޮށް ކަންތައްކުރާ ކަމަށް ބުނެ މުވައްޒަފުން ޖެއްސި މައްސަލައަކާއެކުގަ އެވެ.

މިކަމާ ބެހޭ ގޮތުން އެލެން ބުނެފައިވަނީ އޭނާއަކީ މަސައްކަތުގައި ހަރުކަށި މިޒާޖެއް ހުންނަ މީހެއް ނަމަވެސް މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައްކުރާ މީހެއް ނޫން ކަމަށެވެ.