ބޮލީވުޑްގައި އަރަމުން އައި ތަރި ސުޝާންތު ސިންހްގެ ކުއްލި މަރާއެކު ކުރިއަށްދިޔަ ތަހުގީގުގެ ތެރެއިން ފެންމަތިވި އެއް ނަމަކީ އޭނާގެ އޭރުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބޮތީ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގް މައްސަލައެއްގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ހައްޔަރު ކުރެވުނުއިރު އޭގެ މަހެއް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އޭގެ ފަހުން ރިއާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔަ އެވެ. އާއްމުންގެ ނުރުހުން އަމާޒުވެ އޭނާއަކީ ސިހުރު ހަދާ ނުބައި މީހެއްގެ ގޮތުގައި ސިފަ ކުރެވުނެވެ.

އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާ ރައްދު ދީފައެއް ނުވެ އެވެ. ދުވަސްތަކެއް ވަންދެން ގެއްލިފައި ހުރުމަށްފަހު އޭނާ ވަނީ ޕޮޑްކާސްޓެއް ނެރެފަ އެވެ.

ސުޝްމިތާއާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން ރިއާ ބުނީ އޭނާގެ ޕޮޑްކާސްޓަށް "ޗެޕްޓާ 2"ގެ ނަން ދިނީ މިއީ އޭނާގެ ހަޔާތުގެ ދެވަނަ ބާބު ކަމަށް އޭނާއަށް އިހުސާސްވާތީ ކަމަށެވެ.

އެގޮތުން ޑްރަގްގެ މައްސަލައަށްފަހު އޭނާއަށް ދިރިއުޅުމުގައި އާ ފުރުސަތުތަކެއް ލިބުނު ކަމަށް އިހުސާސްވާ ކަމަށާއި އެހެން ކަމުން އެއީ އޭނާގެ ހަޔާތުގެ ޗެޕްޓާ 2 ކަމަށް ރިއާ ބުންޏެވެ.

ފިލްމީ ދާއިރާއާ ދުރަށް ޖެހިލުމަށްފަހު މިހާރު ރިއާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ "މޯޓިވޭޝަނަލް ސްޕީކިން" އެވެ. އެ ދާއިރާއިން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ރިއާ ބުނެ އެވެ.

ސުޝާންތު ދަން ޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރެއިންނެވެ. އެ މައްސަލާގައި ރިއާއާއި ރިއާގެ ބޭބެގެ މައްޗަށް ވެސް ތަހުގީގު ހިންގުނެވެ.