ލޮލަށް ލައްވާ ކޮންޓެކްޓް ލެންސެއްގެ ސަބަބުން, އިންޑިއާގެ މަޝްހޫރު އެކްޓަރު ޖޭސްމިން ބާސިންގެ ލޮލުގެ ކޯނިއާއަށް ގެއްލުންވެއްޖެ އެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އިވެންޓަކަށް ދިއުމަށް އޭނާ ބޭނުންކުރި ލެންސްގެ ސަބަބުން ލޮލަށް ތަދުވާން ފެށީ ކަމަށާއި އިވެންޓަށްފަހު ހޮސްޕިޓަލަށް ދިއުމުން ކޯނިއާއަށް ގެއްލުން ލިބިފައިވާކަން އެނގުނު ކަމަށެވެ. މި ވަގުތު ޖޭސްމިންގެ ދެ ލޮލުގައި ވެސް ބެންޑޭޖް އަޅާފައިވާއިރު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހާލަތު ރަނގަޅުވާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.

"ކުރިއަށް ވުރެ ލޮލުގެ ތަދު ކުޑަ ނަމަވެސް އެއްވެސް ތަނެއް ނުފެންނާތީ މި އުޅެން ޖެހެނީ ވަރަށް ހާލުގައި," ޖޭސްމިން ބުނެފައިވެ އެވެ.

ޖޭސްމިންއަކީ ހިންދީ ސީރީޒްތަކުންނާއި ރިއަލިޓީ ޝޯތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ތަރިއެކެވެ. އެގޮތުން ހަތުރޯންކޭ ކިލާޅީ އާއި ބިގްބޮސް 14 އަކީ އޭނާގެ ފާހަގަކޮށްލެވޭ ޝޯތަކެވެ.

ކޮންޓެކްޓް ލެންސް ލެއްވުމަކީ ލޮލަށް ގެއްލުންހުރި ކަމެއް ކަމަށް ޑޮކްޓަރުން އަބަދުވެސް އިންޒާރު ދޭއިރު ގިނައިރު ވަންދެން ލެންސް ބޭނުން ކުރުމަކީ ފަރުވާ ނުކުރެވޭނެ ގެއްލުން ލޮލަށް ލިބޭނެ ކަމެކެވެ.