އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ހާރްދިކް ޕަންޑްޔާ އާއި އެކްޓަރު ނަތާޝާ ސްޓޭންކޮވިކްގެ ވަރީގެ ހަބަރަކީ މިދުވަސްވަރު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ ހަބަރެކެވެ.
އެ ދެމީހުން ގުޅިގެން ނެރުނު ބަޔާނެއްގައި ކައިވެނި ރޫޅުނުކަން ޔަގީން ކޮށްދީފައިވީ ނަމަވެސް އެކަމުގެ ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެ ދެމީހުންގެ މެދުގައި ޖެހުނު އަސްލު މައްސަލައާ ބެހޭ ގޮތުން ނަން ހާމަކޮށްފައިނުވާ މަސްދަރަކުން މީޑިއާއަށް ކޮންމެވެސް ވަރަކަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ހާރްދިކް ވަނީ ދެމަފިރިއެއްގެ އެންމެ ޒާތީ ކަންކަން އޭނާއާ އެކުގައި ކްރިކެޓް ކުޅޭ ކުޅުންތެރިންނާ ހިއްސާކޮށް ނަތާޝާ ބޭޒާރު ކޮށްފައި ކަމަށް އެ ހަބަރުތައް ބުނެ އެވެ.
އެގޮތުން ނަތާޝާގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވެސް ހާރްދިކް އާއްމުކުރި ކަމަށާއި ފިރިއެއްގެ ފަރާތުން އަންތްބަކަށް ލިބެންވާ އިހުތިރާމް ހާރްދިކްގެ ފަރާތުން ނަތާޝާއަށް ނުދޭ ކަމަށް ވެސް އެ ފަރާތުން ހާމަކުރެ އެވެ.
ދެހާސް ވިހި ވަނަ އަހަރު ކައިވެނިކުރި ހާރްދިކް އާއި ނަތާޝާގެ ކައިވެންޏަށް ދަރިއަކު ލިބިފައިވާއިރު ވަކިވިކަން އިއުލާން ކުރުމަށް ފަހު ނަތާޝާ ވަނީ ދަރިފުޅާއެކު އޭނާގެ އުފަން ގައުމު ސާބިއާ އަށް އަނބުރާ ގޮސްފަ އެވެ.