ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތެހް އަލީ ޚާން ދުބާއީން ހައްޔަރު ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދުބާއީގެ އެއާޕޯޓުން ރާހަތު ހައްޔަރު ކުރީ އޭނާގެ ކުރީގެ މެނޭޖަރު ސަލްމާން އަހްމަދު ދުބާއީގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ބުނެވޭ ގޮތުގައި މީގެ މަސްތަކެއް ކުރިން ރާހަތު ވަނީ ގަވާއިދާ ހިލާފަށް ސަލްމާން އޭނާގެ ވަޒީފާއިން ވަކިކޮށްފަ އެވެ. މިކަމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.

އެހެން ނަމަވެސް ރާހަތު ވަނީ އޭނާ ހައްޔަރު ކުރި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާ ދުބާއީއަށް އައީ ލަވަތަކެއް ރެކޯޑު ކުރަން ކަމަށާއި ފެތުރެމުން އަންނަ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ.

ރާހަތުއަކީ ޕާކިސްތާނުގެ އިތުރުން ބޮލީވުޑްގެ ވެސް މަޝްހޫރު ލަވަތަކެއް ކިޔައިދީފައިވާ މަގުބޫލު ފަންނާނެކެވެ. އެގޮތުން އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "މޭރެ ރަޝްކޭ ކަމަރް" އަދި "ތޭރީ މޭރީ" ފަދަ ލަވަތައް ހިމެނެ އެވެ.