ޓޭލާ ސްވިފްޓް ފަހަތަށް ޖައްސާލުމަށް ފަހު އިނގިރޭސި ވިލާތުގެ "ބިލްބޯޑް 200 އަލްބަމް ޗާޓު"ގެ އެއްވަނަ މަޝްހޫރު ލަވަކިޔުންތެރިޔާ އެމިނެމް ހޯދައިފި އެވެ.

އެމިނެމްގެ އަލްބަމް "ދަ ޑެތު އޮފް ސްލިމް ޝޭޑީ" އެ ޗާޓުގެ އެއްވަނަ ހޯދާފައިވަނީ 12 ހަފްތާ ވަންދެން ޗާޓުގެ އެއްވަނައިގައި އޮތް ޓޭލާގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެމިނެމްގެ އަލްބަމްގެ ލަވަތައް 22 މިލިއަނަށްވުރެ ގިނައިން އެކި ޕްލެޓްފޯމްތަކުގައި ސްޓްރީމް ކުރެވިފައިވާއިރު އެ އަލްބަމްގެ 22،000 އަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ.

"ދަ ޑެތު އޮފް ސްލިމް ޝޭޑީ" އަކީ ބިލްބޯޑު ޗާޓުގެ އެއްވަނަ ހޯދި އެމިނެމްގެ 11 ވަނަ އަލްބަމެވެ. އޭނާގެ އިތުރުން އެ އަދަދަކަށް އެއްވަނަ ހޯދާފައިވާ ލަވަކިޔުންތެރިންގެ ތެރޭގައި ބާބަރާ ސްޓްރެއިސޭންޑް އާއި ކާންޔޭ ވެސްޓް ހިމެނެ އެވެ.

ބާރަ ހަފްތާ ވަންދެން ޗާޓުގެ އެއްވަނައިގައި ރަސްކަން ކުރުމަށްފަހު އޭޕްރީލް މަހު ނެރުނު ޓޭލާގެ ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ވަނީ ހަތަރުވަނަ އަށް ވެއްޓިފަ އެވެ.

ޓޭލާ ސްވިފްޓް އާއި އެމިނެމްގެ އިތުރުން މި ހަފްތާގެ ޗާޓުގައި ދެން ފާހަގަވެގެން ދިޔައީ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ޗާޓުން ޖާގަ ހޯދި ސެލީނާ ގޯމޭޒް އެވެ.