އިންޓަނެޓުގައި ގިނަ ފޮލޯވަރުން ހޯދަން ކޮންމެ ފަދަ ކަމެއް ކޮށްފާނެ މީހުން ދުނިޔޭގައި އުޅެ އެވެ. އެއީ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ވިޔަސްމެ އެވެ.

އެފަދަ އެކަކީ ޗައިނާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޕޭން ޒިއައޮޓިން އެވެ. އޭނާ ވަނީ އިންޓަނެޓުގެ މަޝްހޫރުކަން ހޯދަން މަސައްކަތް ކުރަނިކޮށް މަރުވެފަ އެވެ.

ޕޭންއަކީ މިހާރު މަގުބޫލު ވަމުން އަންނަ މުކްބާންގް ވީޑިއޯ އާއްމުކުރާ ފަރާތެކެވެ. އޭނާ އެއްފަހަރާ ގިނަ އަަދަދެއްގެ ކާބޯތަކެތި ހުސްކޮށްލަ އެވެ.

ޕޭން މަރުވީ ޖުލައި މަހުގެ 14 ވަނަ ދުވަހު 10 ގަޑިއިރު ވަންދެން އޭނާ ކުރިއަށް ގެންދިޔަ މުކްބާންގް މެރެތޯންގެ ތެރެއިން އޭނާގެ ހަށިގަނޑަށް ނުކަތާ ވަރަށް ކެއުމުގެ ސަބަބުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ދުވަހު އޭނާ 10 ކިލޯގެ ކާއެއްޗެހި ކައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ހަށިގަނޑަށް ގެއްލުންހުރި ކާނާ އެވެ.

ޕޭންގެ އޮޓޯޕްސީ ރިޕޯޓުން އެނގުނު ގޮތުގައި އޭނާ މަރުވީ ހަޖަމު ނުވެ ހުރި ކާނާއިން ބަނޑު ފަޅައިގެން ގޮސް ބަނޑުގައިވާ އެސިޑް ހަށިގަނޑަށް ފެތުރިގެންނެވެ.

ދެކުނު ކޮރެއާއިން ތައާރަފްވި "މުކްބާންގް" ޓްރެންޑަކީ މިހާރު ޗައިނާގައި އާއްމުވެފައިވާ ޓްރެންޑެކެވެ. ޗައިނާގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި ވެސް މިކަން ކުރާ މީހުން ދަނީ ގިނަ ވަމުންނެވެ.