އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް މަރާލައި އެއްލައިލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައާއި ގުޅިގެން ޝާ އަލޮމް (ސާލިމް)ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހުގެރޭ މަހްމޫދު މަރާލި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ. އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފަ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން ހުކުމް އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ ގޮތަށް ރައުޔަ އިއްވީ ފަނޑިޔާރު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔައަށް ތާއީދު ކުރެއްވީ ފަނޑިޔާރު ފަރުހީޒާ އެވެ.

ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ހައި ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމީ މަރުގެ ހުކުމް ދަށު ކޯޓުން ސާބިތުކޮށްފައިވަނީ ސާލިމްގެ އިއުތިރާފުން އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ކަމުން ސާލިމް މެރުމަށް ދަށު ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށެވެ. އަދި އެއީ ސައްހަ ހުކުމެއް ކަމަށް ނިންމި އެވެ.

ސާލިމަށް އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ސާލިމް ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އޭގެފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ އޭނާގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ.

މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާއިރު، މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް އޭނާ ބުނެ އެވެ.

ހައި ކޯޓުން މަރުގެ ހުކުމް ދެމެހެއްޓިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިމުމުންނެވެ.