އަކްޝޭ ކުމާރަކީ ބޮލީވުޑްގައި މިވަގުތު އެންމެ ބުރަކޮށް މަސައްކަތްކުރާ ތަރިންގެ ތެރެއިން ތަރިއެކެވެ. އޭނާގެ ދެ ފިލްމު މިއަހަރުގެ މިހާތަނަށް ރިލީޒް ކުރެވިފައިވާއިރު ކުރިއަށް ވެސް އޭނާގެ ފިލްމެއް އެބައޮތެވެ.

އަހަރެއްގެ މައްޗަށް އެހާ ގިނަ ފިލްމުތަކުގައި މަސައްކަތް ކުރާތީ އަކްޝޭއަށް ފާޑުކިޔާ މީހުން ވެސް އުޅެ އެވެ. އެހެން ނަމަވެސް އޭނާ މިވަނީ އެ މީހުންނަށް ހޫނު ރައްދެއް ދީފަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ ވަރަށް ގިނަ މީހުން އޭނާއާ އެ ސުވާލު ކުރާ ކަމަށާއި އަހަރަކު ހަތަރު ފިލްމުގައި މަސައްކަތް ކުރުމަށްވުރެ އެއް ފިލްމުގައި މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް ބުނާ ކަމަށެވެ.

އެއަށް ރައްދު ދެމުން އަކްޝޭ ވަނީ އަހަރަކު އެއް ފިލްމުގައި މަސައްކަތް ކުރުމަށްފަހު ބާކީ ދުވަސްތަކުގައި އާމްދަނީ ހޯދަން ކުރަންވީ ކޮން މަސައްކަތެއްތޯ ސުވާލުކޮށްފަ އެވެ.

އަކްޝޭ ބުނީ އިންޑިއާގައި ވަޒީފާ ލިބުން ވަރަށް އުނދަގޫވެފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އޭނާއަށް މަސައްކަތް ލިބޭތީ ޝުކުރުވެރިވާ ކަމަށެވެ.

އަކްޝޭގެ "ބަޑޭ މިޔާން ޗޯޓޭ މިޔާން"އާއި "ސަރްފީނާ" މިއަހަރު ރިލީޒް ކުރެވިފައިވާއިރު "ކޭލް ކޭލް މެއިން" ރިލީޒް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.