ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑޭލްއާއި އޭނާގެ ލޯބިވެރިޔާ އެމެރިކާގެ މަޝްހޫރު ސްޕޯޓްސް އެޖެންޓް ރިޗް ޕައުލް އެންގޭޖް ވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ދެ މީހުން އެންގޭޖް ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރިޗްގެ ގޭގައި އޭނާ އެޑޭލްއަށް ކައިވެނި ހުށައެޅުމަށްފަހު އެވެ. އޭގެ ފަހުން ލޮސް އެންޖެލެސް އިން އެޑޭލް ފެނިގެންދިޔައިރު އޭނާގެ އަތުގައި ވަރަށް ރީތި އަގުބޮޑު ޑައިމަންޑް އަނގޮޓިއެއް އަޅާފައިވާކަން މީޑިއާއަށް ފާހަގަވި އެވެ.

އެޑޭލްއާއި ރިޗް އެންގޭޖްވި ކަމުގެ ހަބަރުތައް ފެތުރިފައި މިވަނީ އެ ދެމީހުން ސިއްރުން ކައިވެނި ކޮށްގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދަނިކޮށެވެ.

އެހެން ނަމަވެސް އެޑޭލްގެ އެންގޭޖްމަންޓްގެ ހަބަރު ފެތުރުމާއެކު އޭނާގެ ކައިވެނި ދެން ވަރަށް އަވަހަށް ފެނިގެން ހިނގައިދާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެޑޭލްއަކީ އެމެރިކާގެ ލަވަ ޗާޓުތަކުގެ ގަދަ 10 އަކުން ޖާގަ ހޯދާ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކުޅަދާނަ ލަވަކިޔުންތެރި އެކެވެ.