ބޮލީވުޑަށް އަލަށް ތައާރަފްވި ތަރިއެއް ކަމަށްވާ ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "މަހާރާޖާ"އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން އޭނާގެ މައިންބަފައިން ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާމިރު ޚާންއާއި އޭނާގެ ކުރީގެ އަންހެނުން ރީނާ ދައްތާ އެމީހުންގެ ދަރިފުޅުގެ ކާމިޔާބީ ފާހަގަ ކުރަން ނިންމާފައި އޮތީ ޖުލައި 30 ވަނަ ދުވަހު އާމިރުގެ ޕްރޮޑަކްޝަން ހައުސްގަ އެވެ. އަދި އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ދައުވަތު ދީގެން ބާއްވާ އެ ޕާޓީއަކީ ޖުނައިދުގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް ހިތްވަރު ދިނުމަށް އާމިރުއާއި ރީނާ ބާއްވާ ޕާޓީ އެކެވެ.
އާމިރުއާއި ރީނާގެ ކައިވެނި ރޫޅިފައި ވީނަމަވެސް އެ ދެމީހުންގެ ދަރިންގެ ކަންކަމުގައި އެ މީހުންނަކީ އެކުގައި މަސައްކަތްކޮށް ނަމޫނާ ދައްކާ ދެ މީހުންނެވެ.
ޖުނައިދުގެ ފިލްމު "މަހާރާޖާ" މިދިޔަ ޖޫން މަހު ނެޓްފްލިކްސްގައި ރިލީޒް ކުރެވުނުއިރު އެ ފިލްމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބި ނެޓްފްލިކްސްގެ ގަދަ 10ގެ ޗާޓުގައި ވެސް ހިމެނިފައިވެ އެވެ.
އޭނާގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު މިވަގުތު ޖުނައިދު މަސައްކަތް ކުރަމުން އަންނަނީ ޚުޝީ ކަޕޫރުއާއި ޕްރިތަމް ޕްޔާރޭއާއެކު ރޮމޭންޓިކް ކޮމެޑީ ފިލްމެއްގެ މަސައްކަތެވެ.